Monday, March 28, 2011

ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމް ކުރުމަށް ޖޭއެސްސީގެ ނިންމުމަކީ ޣައިރުޤާނޫނީ ނިންމުމެއް

ދުނިޔޭގެ އެހެން ޤައުމުތަކުގައި ދަށުކޯޓުތައް ނުވަތަ އިންޕީރިއާ ކޯޓްތައް އުފެއްދުން މައިގަނޑު ގޮތެއްގައި ދޫކޮށްލާފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށެވެ. އެއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، އެކޯޓެއް ވަކިތަނެއްގައި އެކަށައަޅައިފީމޭ ބުނެ، އެގޮތައް ނިންމުމެވެ. ނަމަވެސް ދިވެހރާއްޖޭގެ ދަށުކޯޓުތައް ގާއިމްކުރުން ގާނޫނާއި ޤަވާއިދުތައް އޮތް ގޮތުން ތަފާތެވެ. ޤަވާއިދު އެކުލެވިފައިވާގޮތުން ދަށުކޯޓްތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓާއި ސްޕީރިއާ ކޯޓް ނުވަތަ ސްޕީރިއާ ކޯތްތަކުގެ ޑިވިޝަންތައް ޤާއިމް ކުރުން އޮތީ ތަފާތު ދެގޮތަކަށެވެ. ރާއްޖޭގައި މެޖިސްޓްރޭޓް ކޯޓް އުފެއްދުމުގެ ބާރު ނުސީދާކޮށް ލިބިފާވަނީ ދައުލަތުގެ އެންމެ އިސްވެރިޔާ އަށެވެ. އެގޮތުން މިބަލާލަނީ ދިވެހިރާއްޖޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދޭނީ ޤާނޫނީ ގޮތުން ކިހިނެއް ކަމާމެދުގައެވެ.

މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމާއި އުވާލުމާއި މިކަންކަމަކީ ޤާނޫނީ ގޮތުން ވަކިމީހަކަށް ނުވަތަ ވަކި ފަރާތަކަށް ސީދާކޮށް ހަވާލުކޮށްފައިވާ ކަމެއްނޫނެވެ. އެއީ އުއްތަމަ ފަނޑިޔާރު ނުވަތަ ޖުޑިޝަލް ސާވިސް ކޮމިޝަނުގެވެސް ބާރުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ. މެޖިސްޓްރޭޓް ކޯޓް އުފެއްދުން ނުވަތަ ޤާއިމް ކުރުން ބިނާވެފައިވަނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތެއްގެ ދަށުން ނިކުންނަ ޤާނޫނީ ނަތީޖާއެއްގެ މައްޗަށެވެ. އެއަށްފަހު އެއަށް އަމަލީ ސިފަ ޖެއްސުމުގައި މަސައްކަތް ކުރަންޖެހޭ ފަރާތަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ނުވަތަ އުއްތަމަ ފަނޑިޔާރު ކަމުގައި ވެދާނެއެވެ. ޤާނޫނު ނަމްބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓް ތަކުގެ ޤާނޫނު)ގެ 63 ވަނަ މާއްދާއިން މިކަން ނުހަނު ސާފުކޮށް އިނގެއެވެ. މިދެންނެވި ޤާނޫނުގެ 63 ވަނަ މާއްދާގައި ބަޔާން ކުރަނީ "މި ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދފައިވާ ހަތަރު ސްޕީރިއާ ކޯޓް ޤާއިމް ވެފައިވާ މާލެއާއި އެ ހަތަރު ސްޕީރިއާ ކޯޓްގެ ހަތަރު ޑިވިޝަން މި ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގެ ދަށުން ޤާއިމްވެ ހަމަވެފައިވާ ރަށްރަށް ފިޔަވައި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނާންވާނެއެވެ." މިއިބާރާތުންނެވެ.


މިހެންކަމުން މެޖިސްޓްރޭޓް ކޯޓް ހުންނާންވާނެ ތަންތަނަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައެވެ. އެހެން ކަމުން ބަލަންޖެހެނީ މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމާއި މީހުން ދިރިނޫޅޭ ރަށްރަށް ކަނޑައެޅުމުގެ ޒިންމާ އޮތީ ކޮންފަރާތެއްގެ ބާރުގެ ނުވަތަ ޒިންމާގެ ދަށުގައި ކަމެވެ. ހުންނަންވާނެ މިއީ މެންޑޭޓްރީ ގޮތުން އައިސްފައިވާ އައުމެކެވެ. މެޖިސްޓްރޭޓް ކޯޓެއް ވުޖޫދަށް އައުމުގައި އޮތީ ދެ އިސްތިސްނާއެކެވެ. އެއީ ހަތަރު ސްޕީރިއާ ކޯޓް ޤާއިމްވެފައިވާ މާލެއާއި ހަތަރު ސްޕީރިއާ ކޯޓްގެ ހަތަރު ޑިވިޝަން ޤާއިމްވެ ހަމަވެފައިވާ ރަށްރަށް ކަމުގައި ނުވުމެވެ. އެހެން ކަމުން ޤާނޫނު ބަޔާންކުރާ ގޮތުން އުއްތަމަ ފަނޑިޔާރު ނުވަތަ ޖުޑިޝަލް ސާވިސް ކޮމިޝަން ބޭނުންވިއަސް ނުވަތަ ބޭނުން ނުވިއަސް މަތީގާވާ ދެ އިސްތިސްނާ ފިޔަވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނާންވާނެއެވެ. މިއީ ޤާނޫނު ލާޒިމް ކުރާކަމެކެވެ.


އެހެންކަމުން ދެން ބަލާލަން ޖެހެނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރައްތަކަކީ ކޮބައިތޯކަމެވެ. މިކަން ކަނޑައެޅުމުގެ ބާރު އޮތް ފަރާތަކީ ކޮބައިތޯއެވެ. ޤާނޫނު ނަމްބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 137 ވަނަ މާއްދާގައިވާ ގޮތުން މީހުން ދިރިއުޅޭ ރައްތައް ކަނޑައެޅުމުގެ ބާރު އޮތް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. (ޖުޑިޝަލް ސާވިސް ކޮމިޝަނެއް ނޫނެވެ.) މިދެންނެވި ޤާނޫނުގެ 137 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "އިދާރީ ދާއިރާއެއްގެ ފަޅުރަށަކީ ނުވަތަ އެހެންވެސް ރަށަކާއި ގުޅިގެން ނުވަތަ ރަށަކާ ނުގުޅި ނަމަވެސް އަލައް ހިއްކާ ބިމަކީ ނުވަތަ ސަރުކާރުން މީހުން އާބާދުކުރަން ކަނޑައަޅާ ވަކި ޙާއްޞަ ސަރަޙައްދަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައި އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އިއުލާން ކުރެވިފައިވާ އެއްވެސް ރަށެއްގައި ދިރިއުޅެމުންގެންދާ މީހުންގެ އަދަދު ލޯކަލް ގަވާމެންޓް އޮތޯރިޓީން ކަނޑައަޅާ އަދަދަށްވުރެ މަދުވެއްޖެ ނަމަ އެރަށަކީ މީހުން ދިރިއުޅޭ ރަށެއްނޫންކަމަށް ކަނޑައަޅައި އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ." މިފަދައިންނެވެ.


އަދި މިދެންވި ޤާނޫނުގެ 137 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ "މީހުން ދިރިއުޅެމުން އައިރަށެއް ނުވަތަ ދިރިއުޅުނު ރަށެއް ފަޅުރަށެއްކަމުގައި އިއުލާން ކުރުމުގެ ކުރިން އެރަށުގެ ރަށްވެހިން އެހެން ރަށެއްގައި އާބާދުކޮށް ރަޖިސްޓްރީކޮށް ނިންމަންވާނެއެވެ." މި އިބާރާތުންނެވެ.


އަދި ހަމަ މިދެންނެވި ޤާނޫނުގެ 155 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މިޤާނޫނުގައި އެ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާ ހިނދަކު" (ށ) "މީހުން ދިރިއުޅޭރަށް ކަމަށް ބުނެފައި އެވަނީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް މިޤާނޫނަށް އަމަލް ކުރުމަށްފެށުމާއި އެކު ނުވަތަ އޭގެ ފަހުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ރަށްރަށާއި އިދާރީ ގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކަށާއި ސަރަޙައްދު ތަކަށެވެ." މި އިބާރާތުންނެވެ.


އެހެން ކަމުން ޤާނޫނު ނަމްބަރު 2010/7 ގެ 155 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްތައް އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ ނުވަތަ ބާރެކެވެ. ނުވަތަ ސަރުކަރުގެ ޒިންމާގެ ދަށުގައިވާ ކަމެވެ. (އެއްވެސް ހާލެއްގައި ޖުޑިޝަލް ސާވިސްގެ ޒިންމާއެއް ނޫނެވެ.) މިޒިންމާގެ ދަށުން 14 އޮކްޓޯބަރު 2010 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާ ޤަރާރެއް (ޤަރާރު ނަމްބަރު 15/2010) ފާސްކުރައްވާ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ.


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އެއް ދައުލަތަކަށްވެފައި، އަމަލު ކުރަމުންދަނީ އެއްޤާނޫނު އަސާސީއަކާއި އެއްޤާނޫނު ތަކަކަށް ވީހިނދު، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް (ޤަރާރު ނަމްބަރު 15/ 2010 އަށް) ރުހުމުގައި ވިއަސް ނުރުހުމުގައި ވިއަސް ކިޔަމަން ގަތުމަކީ ދިވެހިރައްޔިތުންނަށާއި އެންމެހާ ފަރާތްތަކަށް ލާޒިމް ކަމެކެވެ. އެއީ އެ ޤަރާރު، ޤާނޫނީ ބާރު އޮތް ފަރާތަކުން ބާޠިލް ނުކުރާހާ ހިނދުގައެވެ. އެހެނީ އެ ޤާރާރުގެ މައްޗަށް ދެން އެހެން ފަރާތަކުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށް ކަނޑައަޅައި ނުވަތަ މިފަދަ ނަތީޖާ ނުކުމެދާފަދަ ކަމެއް ނުކުރެވޭނެއެވެ. މި ސިޔާސަތަކީ ދިވެހިރާއްޖޭގައި ދެން އޮތް ދެބާރުންވެސް (ޤާނޫނު ހެދުމުގެ ބަރާއި އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު) ޤަބޫލުކޮށް ހިންގަން ޖެހޭ ސިޔާސަތެކެވެ. އެއީ މިއީ އެއް ދައުލަތަކަށް ވާ ކަމަށްޓަކައެވެ. މި އުޞޫލުން ބަލާއިރު މިދެންނެވި ޤަރާރުގައި މާލެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވަނީ މާލެއަކީ ވިލިގިނލި، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތުގައެވެ. ވީމާ މާލެއަކީ ކޮއިތޯ ސުވާލުކުރެވިއްޖެ ނަމަ، އެއީ އެވޭލާ ޒަމާނުގައި ހަތަރު އަވަށަށް ބެހިފައިވާ ގޮތަށް އޮތް މާލެ ނޫންކަމާއި މާލެއަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހިމަނާއިރު، މިހާރު ވިލިގިއްޔާ ހުޅުމާލެއާއި ތިލަފުއްޓާއި އަދި ގުޅީފަޅާއި މިތަންތަން އެކުވެގެން އޮންނަ ތަނެއްކަން އެނގޭނެއެވެ. އަދި މިއީ މިހާރު ޤާނޫނީ ގޮތުންވެސް މިކަން ބެލޭނެ ގޮތެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގަވެސް މަލެ ހިމަނާފައިވަނީ ވަކި އިދާރީ ދާއިރާއެއްގެ ގޮތުގައެވެ. މިގޮތުން ޤާނޫނު އަސާސީގެ ޖަދުވަލު 2ގައި މާލެ މިގޮތަށް ބަޔާންކުރުމަށްފަހު، ބްރެކެޓްގައި ވިލިގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން މާލެއަކީ ކޮބައިކަން ތަފްޞީލުކޮށްދީފައިވެއެވެ.


އެހެންކަމުން މާލެއަކީ އިދާރީ ވަކިދާއިރާއެއްގެ ގޮތުގައި ބަލާއިރު، އަތޮޅުތަކުގައިވާ ގޮތަށް މާލެ ދާއިރާގައި މާލެ ފިޔަވައި އެހެން ތަނެއް ނޯންނާނެއެވެ. މިސާލަކަށް ކ. އަތޮޅަކީ ވަކި އިދާރީ ދާއިރާއެކެވެ. ނަމަވެސް މާލެއަކީ ކ. އަތޮޅުގެ އިދާރީ ދާއިރާގައި ހިމެނޭ ތަނެއް ނޫނެވެ. ކ. އަތޮޅަކީ ވަކި އިދާރީ ދާއިރާއެކެވެ. މާލެ އަކީ ވަކި އިދާރީ ދާއިރާއެކެވެ. ކ. އަތޮޅުގެ އިދާރީ ދާއިރާގައި ހިމެނެނީ ކާށިދޫ، ގާފަރު، ދިއްފުށި، ތުލުސްދޫ، ހިންމަފުށި، ގުރައިދޫ އަދި ގުޅި މާފުއްޓެވެ.


އެހެން ކަމުން އުފެދޭ ސުވާލަކީ މާލެ ވިލިގިއްޔާއި ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމް ކުރަން ޤާނޫނުތައް މިހުރިގޮތުން ޤާނޫނީ އިމުގެ ތެރެއިން މިކަން ނިންމިދާނެތޯއެވެ. އެހެނީ ޤާނޫނު ނަމްބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ "އަންނަނިވި ހަތަރު ކޯޓަކީ މިޤާނޫނުގެ ދަށުން މާލޭގައި އުފައްދާ ހަތަރު ސްޕީރިއާ ކޭޓެވެ. (1) ސިވިލް ކޯޓް (2) ކްރިމިނަލް ކޯޓް (3) ފެމިލީ ކޯޓް (4) ޖްވެނައިލް ކޯޓް" މިއެވެ.


އެހެންކަމުން މާލެއަކީ ހަތަރު ސްޕީރިއާ ކޯޓް ޤާއިމް ވެފައިވާ ރަށަކަށްވާތީ އެރަށުގައި މެޖިސްޓްރޭޓް ކޯޓެއް އަލުން ޤާއިމް ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނުގެ 63 ވަނަ މާއްދާ ތަންދޭ ކަމެއްނޫނެވެ. ޤާނޫނު އަސާސީއާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޤަރާރާއި އަދި އަމަލުކޮށް ކަން ކުރަމުން އަންނަ ގޮތަށް ބަލާއިރު، ވިލިގިއްޔަ ހުޅުމާލެއަކީ މާލޭގެ ބައެއް ނުވަތަ މާލެ ކަމުގައި ޤާނޫނީ ގޮތުން އަދި ޕްރެކްޓިކަލް ގޮތުންވެސް ކަންކަން ކުރަމުން ގޮސް ހުއްޓާ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުމާލެއާއި ވިލިގިލީގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމް ކުރަން ނީންމީ ކީއްވެގެން ކަމާމެދު އިންތިހާ އަށް ސުވާލު އުފެދެއެވެ. މިއީ ޖަވާބު ވަރަށް އޮބްވިއަސް ސުވާލެކެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރެއްގެ އަމިއްލަ މަސްލަހަތު އޮތް ކަމަކަށް ވާތީއެވެ. އެހެންނޫންނަމަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" މި ޤާރާރުގައި މެޖިސްޓްރޭޓް ކޯޓް މިހާރު ޤާއިމްވެފައި ހުންނަޖެހޭކަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލާނުގަންނަ ކިތައްމެ ރަށްތަކެއް އެބަހުއްޓެވެ. މިސާލަކަށް ށ. ކޮމަންޑުއާއި އެކު މަތިކޮމަންޑުއަށް ބައްލަވާށެވެ. މަތިކޮމަންޑޫއަކީވެސް ކޮމަންޑޫގެ ބައެކެވެ. ޅ. ނައިފަރުގެ ބައެއްގެ ގޮތުގައި އެރަށުގެ ކައިރީގައިވާ މަޑިވަރުވާ ފަދައިންނެވެ. ވިލިގިއްޔަކީ މާލޭގެ ބައެއް ފަދައިންނެވެ.
ނަމަވެސް ޅ. އަތޮޅުގައި ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ފެލިވަރަކީ ވަކިން އޮތް މީހުން ދިރުއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ޤާނޫނު ނަމްބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓް ތަކުގެ ޤާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ފެލިވަރުގައި މެޖިސްޓްރޭޓް ކޯޓެއް ހުންނާނެއެވެ. ނުވަތަ ހުންނަން ޖެހޭނެއެވެ.

ނަމަވެސް ޤާނޫނީ ގޮތުން ކުރަންހުރި މިފަދަ ކަންކަން ނުކޮށް، ޤާނޫނީ ގޮތުން ކުރެވެންނެތް ނުވަތަ އެކަމެއް ކުރުމުގައި ޤާނޫނީގޮތުން އެތައް ސުވަލުތަކެއް އުފެދޭ ކަންކަން ކޮށް ނިންމަމުންދަނީ ކީއްވެގެން ބާވައެވެ. ކޮން އުޞޫލަކުން ބާވައެވެ. ކޮންކަމަކާ ގުޅިގެން ބާވައެވެ. މިޤައުމަށް މިވަނީ ކިހިނެއް ހެއްޔެވެ.


މިއަދު މިދިވެހި ޤައުމު ގޮވަމުންދަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އިޙްލާޞްތެރިވާނެ ބަޔަކު މި ޤައުމުގެ ކަންކަމުގައި ހިފުމަށެވެ. ތިމާމެންގެ އަމިއްލަ އެދުމާއި އެއްގޮތަށް ޤާނޫނު އަސާސީއަށާއި ޤާނޫނު ތަކަށް ތަރުޖަމާދީ އަމިއްލަ މަޞްލަޙަތު އިސްކުރާބައެއްގެ އަތްމަތިން މިޤައުމު ސަލާމަތް ކުރާށެވެ. އަދި މިފަދަ ނުބައި ނޭއްގާނީ އަމަލު ކުރަމުންދާ މީހުންގެ މައްޗަށް، ބަސްބުނަން ތިބި މީހުން ޖެހިލުން ވުމަކާއި ނުލައި ބަސްބުނުމެވެ. އެބުނުމަކީ ކިތަންމެ ހިތިއެއްޗެ ކަމުގައިވިއަސް އެއީ ޙައްޤުބަސް ކަމުގައިވާނަމަ އެބަހެއް ބުނުމަށެވެ.


ވުމާއެކު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމުގެ އަސާސީ ޒިންމާ އެފަރާތެއްގައިވާ ދައުލަތުގެ ބަންޑާރަ ނައިބާއި، ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި މަޖިލިސް މެންބަރުންނާއި މަޤާމާއި ބާރާއި ނުފޫޒުން ކަންކަން ކުރުމުގައި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ގޮތުން މިފަދައިން ބޭނުން ހިފާކަމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިފަދަ ތަންތަނުން މަސައްކަތްކޮށް، މިފަދަ ނޭއްގާނީ ކަންކަން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރުމަކީ ވާޖިބެއް ކަމުގައި ނޫނީ ނުވާނެއެވެ. ކަމާބެހޭ ފަރާތްތަކުން އަވަހަށް ފިޔަވަޅު އަޅުއްވައިދެއްވުމަކީ ޤައުމުގެ އާދޭހެވެ.


ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ، ވީއެންމެ އަވަހަކަށް އަޑިނޭނގޭ ޣައްދާރުގެ ކިބައިން މި ދިވެހި ޤައުމު ސަލާމަތް ކުރައްވާނދޭވެ އާމީން.

Saturday, March 26, 2011

ފަނޑިޔާރަކާ ބެހޭގޮތުން އެއްވެސް މީޑިއާއެއްގައި ވާހަކަ ދެއްކުން މަނާކުރަނީ

ރާއްޖޭގެ އެއްވެސް މީޑިއާއެއްގައި ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރެއް ނުވަތަ މެޖިސްޓްރޭޓަކާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭ ގޮތައް ނުވަތަ ނުލިޔެވޭ ގޮތަށް ޖޭއެސްސީން ފާސްކުރުމެއް ފާސްކުރަން އެބައުޅެއެވެ. މިކަންތައް މިހާރު ޖޭއެސްސީގައި ނުނިންމިގެން އުޅެނީ އައިޝަތު ވެލެޒިނީއާއި ޝުއައިބްގެ ސަބަބުންކަން މުއުތަބަރު ގޮތަކަށް ވަނީ ލިބިފައެވެ.

ޖޭއެސްސީން މިގޮތަށް ނިންމަނީ މިހާރަކަށް އައިސް ފަނޑިޔާރުންނާއި ބެހޭގޮތުން ތަފާތު އެކިއެކި ތުހުމަތުތައްކޮށް އެފަރާތްތަކުގެ ސުލޫކީ މިންގަނޑާއި މެދު މީޑިއާ މެދުވެރިކޮށް އާއްމުންނަށް މައުލޫމާތު ދެމުންގެންދާތީވެ، ފަނޑިޔާރުންގެ ތެރެއިން ވަކިބަޔަކު އިސްވެތިބެގެ ޖޭއެސްސީގެ މީހުންނަށް ވަރަށް ބޮޑަށް ޕްރެޝަރ ކޮށްގެންނެވެ.